އެޓަރނީ ޖެނެރަލްގެ އޮފީސް އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއެވެ . ބަންޑާރަނައިބަކީ ދައުލަތުގެ ޤާނޫނީ ވަކީލެވެ. ބަންޑާރަނައިބުގެ އޮފީހާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ތިރީގައި އެވަނީ އެވެ .
- މަދަނީ މައްސަލަތަކުގައި ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ދައުލަތުގެ ނަމުގައި ދަޢްވާ ކުރުމާއި ދަޢްވާ ލިބިގަތުން .
- ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުން .
- ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލުތައް ތަސްދީޤް ކުރުމާގުޅޭގޮތުން ސަރުކާރަށް ލަފާއެރުވުން .
- ޤާނޫނު ހެދިފައިނުވާ ދާއިރާތައް ފާހަގަ ކުރުމާއި، ޤާނޫނު ހެދިފައިނުވާ ދާއިރާތަކާގުޅޭ ދިރާސާތައް، ކަމާބެހޭ ސަރުކާރުގެ ދާއިރާތަކާ ގުޅިގެން ކުރުމާއި، އެ ދާއިރާތަކުގެ މަޝްވަރާއާއެކުގައި ޤާނޫނުގެ ދެލިކޮޕީ އެކުލަވާލައި، އެދާއިރާތަކަށް ހުށަހެޅުން .
- ޒަމާނާ ނުގުޅޭ ނުވަތަ ރާއްޖެއަށް ބޭނުންނުވާ ޤާނޫނުތައް ހުރިނަމަ، އެކަން ފާހަގަކޮށް، އެ ޤާނޫނުތައް އުވާލުމަށް، ކަމާބެހޭ ސަރުކާރުގެ ދާއިރާތަކަށް މަޝްވަރާދިނުމާއި، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙު ގެންނަންޖެހޭކަމަށް ފެންނަ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، ކަމާބެހޭ ސަރުކާރުގެ ދާއިރާތަކާގުޅިގެން ދިރާސާކޮށް، އެޤާނޫނުތައް އިޞްލާޙުކުރުމަށްޓަކައި ތައްޔާރުކުރަންޖެހޭ ޤާނޫނުގެ ދެލިކޮޕީ ތައްޔާރުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކަށް އެހީތެރިވެދިނުން .
- ސަރުކާރުގެ އޮފީސްތަކުން އެކުލަވާލާ ގަވާއިދުތަކުގެ ދެލިކޮޕީތަކަކީ ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތަކާ ފުށުއެރުން ހުރި ގަވާއިދުތަކެއްތޯ ނުވަތަ ނޫންތޯ ބަލައި، އެގަވާއިދުތަކަށް ޢަމަލު ކުރަންފެށުމާބެހޭ ގޮތުން ޤާނޫނީ ލަފާދިނުން .
- ސަރުކާރާ އެކިފަރާތްތަކާ ކުރެވޭ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ މައްސަލަތަކާ ގުޅޭ ގޮތުން ސަރުކާރަށް ޤާނޫނީ ލަފާ ދިނުން .
- ދިވެހިރާއްޖެއިން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބައިވެރިވުމާބެހޭ ގޮތުންނާއި، ދިވެހި ސަރުކާރާއި އެހެނިހެން ފަރާތްތަކާމެދު ކުރެވޭ އެއްބަސްވުންތަކާބެހޭ ގޮތުން ސަރުކާރަށް ޤާނޫނީ ލަފާދިނުން .
- ސަރުކާރުގެ ފަރާތުން އެކިއެކި ރަސްމީ ލިޔުންތަކުގައި ސޮއިކުރާ ބޭފުޅުންނަށް ދޭންޖެހޭ އިންސްޓްރޫމަންޓް އޮފް ފުލް ޕަވަރ އާގުޅޭ ގޮތުން ޤާނޫނީ ލަފާދިނުން .
- ރާއްޖެއިން ބޭރުގެ މާލީ އިދާރާތަކުން ސަރުކާރަށް ނަގާ ލޯނުތަކުގެ ލޯން އެގްރިމަންޓުތަކުގައި ސަރުކާރުން ސޮއިކޮށްފައިވާގޮތާއި، އެ އެގްރިމަންޓުތައް ތަންފީޛުކުރުމާގުޅޭ ގޮތުން މާލީ އިދާރާތަކަށް ދޭންޖެހޭ "ލީގަލް އޮޕީނިއަން" ދިނުން .
- ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ޤާނޫނުތައް އެކުލަވާލުމުގައާއި، އެޤާނޫނުތަކުގެ ދަށުން ހަދާ ޤަވާއިދުތައް ހެދުމުގައި އެކިއެކި އިދާރާތަކަށް ބޭނުންވާ ލަފާ ("ލެޖިސްލޭޓިވް އެޑްވައިޒް") ދިނުން .
- ސަރުކާރުން ރާވާ މުހިންމު މަޝްރޫޢުތަކާއި އިޢްލާންކުރާ އަދި ވަޒަންކުރާ ބީލަންތަކާއި، ސަރުކާރުން ކުރާ ނެގޯސިއޭޝަންތަކާއި ކުރާ މުހިންމު ކަންތައްތަކުގެ ތެރެއިން ޤާނޫނީ ވަކީލުން ހިމަނަންޖެހޭ ކަންތައްތަކުގައި، ޤާނޫނީ ވަކީލުން ހަމަޖައްސައި، ސަރުކާރުގެ ފަރާތުން ޤާނޫނީ ލަފާ ދިނުން .
- އެކި އެކި ކަންކަމާގުޅޭ ގޮތުން ސަރުކާރުން އެކުލަވާލާ ފަންނީ ކޮމިޓީތަކުގެ ތެރެއިން ޤާނޫނީ ވަކީލުން ހިމަނަންޖެހޭ ކޮމިޓީތަކަށް ޤާނޫނީ ވަކީލުން ހަމަޖެއްސުން .
- ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ޤާނޫނީ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން .
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުން ފޮތެއްގެ ގޮތުގައި އެކުލަވާލުމާއި، އަލަށް ހެދޭ ޤާނޫނުތައް ފަސޭހަކަމާއެކު ބެލޭނެ އަދި ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުމާއި، ކަނޑައެޅޭ ވަކި މުއްދަތުތަކަކުން ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ފޮތްބައި ޗާޕްކުރަމުން، އާކުރަމުން ގެންދިއުމާއި، އެކަށީގެންވާ އުސޫލެއްގެ މަތިން އަދި އެކަށީގެންވާ އަގަކަށް އެ ފޮތްބައި އާންމުކޮށް ލިބެން ހުންނާނެ އުސޫލެއް ހަމަޖެއްސުން .
- ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ތެރެއިން ތަރުޖަމާކުރެވޭ ޤާނޫނުތައް އާންމުކޮށް ލިބޭނޭގޮތް ހަމަޖެއްސުމާއި، ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުން .
- ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުންގެ ހައިސިއްޔަތުން ވަކާލާތުކުރުމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދުތައް ހެދުމާއި، އެކަމުގެ ހުއްދަ ދޫކުރުމާއި، އެފަދަ ހުއްދައެއް ބާޠިލުކުރަން ޖެހިއްޖެ ޙާލަތެއްގައި ބާޠިލުކުރުމާއި، ޤާނޫނީ ވަކީލުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ޤާނޫނީ ވަކީލުންނާބެހޭ ސުލޫކީ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި މިނޫންވެސް ޤާނޫނީ ވަކީލުންނާބެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން .